ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން މައުލޫމާތު ދިންގޮތުގައި، މި ހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ގޮތަށް އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެެއް ކަމަށެވެ. މި ހޮޓެލްތައް ތަރައްޤީކުރުމަށް ދޫކުރާއިރު އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށް އެޗްޑީސީން ބުންޏެވެ. ނަމަވެސް، އެހެން މޮޑެލްތަކަށް ވެސް އީއޯއައި ހުށަހެޅިދާނެކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
މި މަޝްރޫއަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ، މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ ތަޖްރިބާ ހިމެނޭކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރިއެެވެ.
އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އީއޯއައި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، business@hdc.mv އަށެވެ. މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް www.hdc.mv/announcement އިން ލިބެން ހުންނާނެ ކަމަށާއި، އަދި އީމެއިލް މެދުވެރިކޮށް business@hdc.mv އިން އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.









