ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މަލްޝާ ޝަރީފަށް، ހިޔާ ޔޫނިއަން އަދި ކޮމަނާސް އިން އެންޑޯސް ކުރައްވައިފިއެވެ. މިއީ ހުޅުމާލެ ފޭސް 2 ގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ބޮޑު ދެ އެންޖީއޯއެވެ.
އެ ދާއިރާގެ ނައިބު ރައީސް މަޤާމަށް މަލްޝާ އަދި އޭނާގެ ޓީމުން ދަނީ ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. މަލްޝާ ފާހަގަކުރެވިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ގެނައުމަށްޓަކައި ބުރަ މަސައްކަތެއް ކުރެއްވި ފަރާތެއްގެ ގޮތުގައެވެ. ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ މަލްޝާއަކީ ސޯޝަލް މީޑިއާގައިވެސް ފާހަގަކޮށްލެވޭ އެކްޓިވިސްޓެކެވެ. މިވަގުތު އޭނާ ވަޒީފާ އަދާކުރައްވަނީ އެޗްޑީސީ ގައެވެ.
ހުޅުމާލެ ފޭސް 2 ގެ އެންމެ ބޮޑު ދެ އެންޖީއޯއިން މަލްޝާ އަށް ތާއީދު ކޮށްފައިވާއިރު ގިނަ އަދަދެެއްގެ ޒުވާނުން ވެސް ތިބީ މަލްޝާ ފަހަތުގައެވެ. މަލްޝާ ވިދާޅުވި ގޮތުގައި އޭނާ މި މަގާމަށް ކުރިމަތިލީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކޮށްދޭނެ ސަރުކާރަކަށް ވުމުން އެ ދާއިރާގެ މަޖިލިސް މެންބަރަށް ފަސޭހަތަކެއް ކޮށްދިނުމުގެ އަޒުމުގައި ކަމަށެވެ. އަދި ދެއްވި ޔަޤީން ކަމަކީ އަބަދުވެސް ރައްޔިތުންނަށް އޭނާ ފެންނާނެ ކަމަށާއި ރައްޔިތުންގެ އިހްސާސް އަޑުއަހާނެ ކަމަށެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހުގައެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްޤު ލިބޭނީ މި މަހު 24 ގެ ކުރިން އެ ޕާޓިގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މި އިންތިހާބުގައި ހޮވާނީ ދާއިރާ ރައީސުންނާއި، ދާއިރާ ނައިބު ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސްއާއި، އަންހެނުންގެ ހަރަކާތުގެ ރަށު ރައީސްއާއި، ސްޓިއަރިން ކޮމިޓީގެ މެންބަރުން އަދި އެ ކޮމިޓީގެ އިންތިޚާބީ މަގާމުތަކެވެ.










