ގްރީން ޓެކްސް އާއި އެއާޕޯޓު ފީ ބޮޑު ކުރުމަށް ހުށަހަޅާފައިވާ ދެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ކޮމިޓީއަށް ފޮނުވައިފައެވެ. މި ދެ ބިލަކީ ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންގެ އަތުން ނަގާ އެއާޕޯޓް ފީ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއި، ގްރީން ޓެކްސް ދެ ގުނަ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ.
އެއާޕޯޓް ފީ ބޮޑު ކުރުމާ ގުޅޭ ބިލުގެ އިބްތިދާއީ ބަހުސް އިއްޔެ ނިމުނު އިރު، ގްރީން ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ނިންމާލާފައެވެ. މި ދެ ބިލު ކޮމިޓީއަށް ފޮނުވުމަށް ނިންމީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 58 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެމްބަރެކެވެ.
ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ރާއްޖޭގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ދައްކަން ޖެހޭ ގްރީން ޓެކްސްގެ އަދަދު ތިން ޑޮލަރުން ހަ ޑޮލަރަށް ބަދަލުކުރަން ހުށަހަޅައިފައެވެ. އަދި 2025ގެ ފަހުން އެ އަދަދު 12 ޑޮލަރަށް ބޮޑުކުރަން ވެސް ވަނީ ހުށަހަޅަފަވެއެވެ.
އެއާޕޯޓު ފީ ބޮޑު ކުރުމަށް ހުށަހަޅާފައިވާ ގޮތުގައި، އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް، ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އަދި ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ.
މި ދެ ބިލު ކޮމިޓީއަށް ފޮނުވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ކޮމިޓީގައި މި ބިލުތަކާ މެދު މަޝްވަރާކޮށް، އިތުރު ބަދަލުތަކެއް ގެންނަން ޖެހޭތޯ ބަލައި، ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް ބެލެވެއެވެ.









