އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ ނުވަތަ އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ) ގައި ދިވެހިރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މި މައްސަލަ މަޖިލީހަށް ހުށަހެޅުއްޅުއްވުމުން، އެ މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މިކަމަށް ރުހުން ދީފައިވެއެވެ.
އައިއޭއީއޭގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަޒީރުންގެ މަޖިލީހުން ލަފާ އެރުވީ ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ހޯދުމަށެވެ. ޚާއްޞަކޮށް ކެންސަރަށް ފަރުވާ ދިނުމުގައި ނިއުކްލިއަރ މެޑިސިންގެ އެކި ފަރުވާތައް ބޭނުންކުރުމުގައި އައިއޭއީއޭގެ އެހީތެރިކަން ލިބޭނެއެވެ.
ސަރުކާރުން މަޢުލޫމާތު ދިންގޮތުގައި، އައިއޭއީއޭއާ ގުޅުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ދިފާޢީ ވުޒާރާއިންނެވެ. އަދި މިއީ ދިގު މުއްދަތެއްގެ ތެރޭގައި ކުރެވޭނެ މަސައްކަތެއްކަމަށްވެސް ސަރުކާރުން ބުންޏެވެ.
އައިއޭއީއޭއާ ގުޅުމުން ނިއުކްލިއަރ މެޑިސިންގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންވެސް ރާއްޖެއަށް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ފާހަގަ ކުރައްވައެވެ.
1957 ވަނަ އަހަރު އުފެއްދި އައިއޭއީއޭގައި މިހާރު 178 މެންބަރު ޤައުމު ހިމެނެއެވެ. ސަރަހައްދީ ޤައުމުތަކުގެ ތެރެއިން މި ޖަމްޢިއްޔާގައި ބައިވެރިނުވަނީ ހަމައެކަނި ދިވެހިރާއްޖެއާއި ބޫޓާންއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން، ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅައި މަޖިލީހުން ފާސްކުރުމުންނެވެ.









