ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރީތިގަސް މަގާއި އަސުރުމާ ހިނގުން ގުޅޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.

ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ދަނީ - ފޮޓޯ: އެޗްޑީސީ
މި ފަހަކަށް އައިސް ހުޅުމާލޭގައި އާދަޔާ ޚިލާފަށް އެކްސިޑެންޓުތައް ގިނަވެ މީހެއްގެ ފުރާނަ އަޅުގަނޑުމެންނާ ވަކިވެދިޔުމާއި ގުޅިގެން ސަރުކާރުން އިސްނަގައިގެން މިކަމަށް ހައްލު ގެނައުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން މީގެ ކުރިން ދެކޮޅަށް ދުއްވާ މަގުތައް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށް، ހަތަރު އަގޮޅި ކަންމަތި ގުޅޭ ސަރަހައްދުތަކުގައި ރައުންޑަބައުޓް ހަދައި، ކަފިހި ހުރަސްތަކުގައި ފުލުހުން ބަހައްޓަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެއްގަމުގައި ދުއްވާ ފަރާތްތަށް ދުއްވަނީ ޤަވާއިދާ އެއްގޮތަށްތޯ ޔަޤީންކުރުމަށް ގިނަ އަދަދެއްގެ ޗެކްޕޮއިންޓުތައް ވެސް މިފަހަކަށް އައިސް ހުޅުމާލޭގައި ވަނީ ޤާއިމްކޮށްފައެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެޗްޑީސީ
ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ގިނަ މަގުތަކެއްގައި ގަސް އިންދަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިވަގުތުގައި ވެސް ބަގީޗާ ހިނގުމުގެ ހެޖުތެރޭގައި އެ ކުންފުނީގެ މުވައްޒަފުން ދަނީ ގަސް އިންދަމުންނެވެ.









