ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓު ހިފައިގެން ނުވަދެވޭގޮތް ހެދުމަށްޓަކައި އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވީހާވެސް އަވަހަކަށް ގެނައުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ޖޫން މަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަން ޤާނޫނު އިޞްލާޙުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް އެ ޕާޓީން އިލްތިމާސްކޮށްފައި ވެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ކެކުޅުމާއި ލޭއޮހޮރުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެ ޢަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ މި މުހިންމު ފިޔަވަޅަށް ޕީއެންސީން ތާއީދުކުރާ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.









