ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މަތީ ތަޢުލީމު ޙާސިލްކުރަމުންދާ 32 ދަރިވަރަކަށް ސްކޮލަރޝިޕް ދީފިއެވެ. "ޗައިނީސް އެންބެސެޑަރ ބަރސަރީ" ޕްރޮގުރާމުގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް މި އެހީ ދެވުނެވެ.
މި ޕްރޮގްރާމުގެ ދަށުން ކޮންމެ ދަރިވަރަކަށް 10،000 ރުފިޔާގެ އެހީ ދެވުނެވެ. އެހީ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އެޑިިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު އާދަމް، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އާއިޝަތު ވަޙީދާ، އަދި މި ދެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވިއެވެ.
ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަފީޢު ވިދާޅުވީ މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް، މަތީ ތަޢުލީމު ކުރިއެރުވުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، ޤައުމު ބިނާކުރާނެ ޒުވާން ޖީލެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަންލީ ޝިންގ ވިދާޅުވީ ޤައުމުގެ އުއްމީދަކީ ޒުވާނުންކަމަށާއި، ޤައުމުގެ މުސްތަޤުބަލޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ. އަދި މިއަހަރުގެ ކުރީކޮޅު ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ދައުލަތުގެ ދަތުރަކީ ޗައިނާ-ދިވެހިރާއްޖެ ގުޅުން އައު މަރުޙަލާއަކަށް ގެންދިޔަ ދަތުރެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމްއެންޔޫ އަދި އައިޔޫއެމްގެ 12 ދަރިވަރުން ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާއަށް ޒިޔާރަތްކުރާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
ޕްރޮގްރާމަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ފުން ރަޙްމަތްތެރިކަމާއި، އެކަކު އަނެކަކަށް ދޭ އެހީތެރިކަމާއި، ވަރުގަދަ ބައިވެރިކަން ދައްކުވައިދޭ ކަމެކެވެ. ޗައިނާއިން އަބަދުވެސް ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި އަމިއްލަ ފުދުންތެރިކަމާއެކު ތަރައްޤީވުމަށް މަގުފަހިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ތަޢުލީމީ މަސައްކަތްތަކަށް އެހީތެރިކަން ދެމުން ގެންދެއެވެ.
މި ޕްރޮގްރާމަކީ ކުރިއަށް އޮތް ތަނުގައިވެސް ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމެއް ކަމަށް ޗައިނާ އެމްބަސީން މަޢުލޫމާތު ދީފައިވެއެވެ. މިކަމުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.









