ސަރުކާރުން ތަރައްޤީކުރާ ތެލެސީމިއާ ހޮސްޕިޓަލާއެކު ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވުނު ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން 2024-2034 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާންކޮށްފައިވާ ތެލެސީމިއާ ހޮސްޕިޓަލު ގާއިމްކުރުމުގެ ފަހުމުނާމާގައި ވެސް ސޮއިކުރިއެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ތެލެސީމިއާ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަން އިއުލާންކުރެއްވި މަސައްކަތެކެވެ. އަދި އެ ހޮސްޕިޓަލު ޤާއިމުވެގެންދިޔުމާއެކު ތެލެސީމިއާ ކުދިންނަށް ފަރުވާ ކަށަވަރުވެގެންދާނެއެވެ.
ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގެ އެއްބައި ކަމަށާއި އެފަދަ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އެކަމުގައގައި ކަމާއިގުޅޭ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ނައިބު ރައީސް ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. "ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހަކަށް ލިބޭ އުފަލަކަށް ހަދަންޖެހޭ، ލޭ ހަދިޔާ ކުރުމަކީ އެ ކުދިންގެ ދިރިހުރުމަށް ދެވޭ އުންމީދެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމުގެ މަގު ބައެއް ކުދިންނަށް ތަނަވަސްކޮށްދީފައިވާއިރު އިތުރު ކުދިންނަށް ސަރުކާރުން އެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ތެލެސީމިއާ ކުދިންނަށްވެސް ބޭނުންވާ ބޭސް ރާއްޖޭގެ ރަށްތަކުން ލިބެން ހުންނާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް ވެސް ރަނގަޅު ސިއްޙީ ފަރުވާ ފޯރުކޮށްދީގެން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުންކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން 2024-2034 އިފްތިތާހުކާހުކުރެވުނެވެ. މިއީ ރާއްޖޭގައި ތެލެސީމިއާ ބަލި ކޮންޓްރޯލްކޮށް، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާ މުހިންމު ޕްލޭނެކެވެ.









