އެއަރ އެމްބިއުލާންސް ޚިދުމަތަށް ބޭނުންވާ ޚާއްސަ ބައެއް ސާމާނު އޫރީދޫ މޯލްޑިވްސް އިން ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ މި ހަދިޔާއާއެކު ރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ތަކެއްޗާއެކު ޢާންމުންނަށް އެކަށީގެންވާ ފަރުވާ ލިބިދެވޭނެކަން ކަށަވަރުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ހަމަހަމަކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު ގޮތްތަކެއް ހޯދަންޖެހޭކަމެވެ. އެގޮތުން، އެއަރ އެމްބިއުލާންސް ތައާރަފުކުރިފަހުން މިހާތަނަށް ގިނަ ބަލިމީހުން އުފުލާފައިވާކަމާއި، އެ ޚިދުމަތަކީ ޞިއްޙީ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވި ކަމެއްކަން ފާހަގަކުރެއްވިއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ ވިދާޅުވީ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަކީ އުރީދޫއިން އިސްކަމެއްދޭ ކަމެއްކަމަށެވެ. އަދި މި ތަކެއްޗާއެކު އެއަރ އެމްބިއުލާންސްއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް އޫރީދޫގެ ސީއީއޯ ވިދާޅުވިއެވެ.
އޫރީދޫ މޯލްޑިވްސްއިން އެއަރ އެމްބިއުލާންސް ޚިދުމަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މިހާތަނަށް 16 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި އެއަރ އެމްބިއުލާންސްގެ 3D މޮޑަލްއެއް އޫރީދޫއިން ވަނީ ޞިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމަށް ހަދިޔާ ކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އޫރީދޫއިން ވަނީ މާރޗްމަހު ރާއްޖޭގައި އެންމެ ފުރަތަމަ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރިއިރު ވެސް އެޚިދުމަތަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.
މި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު އިތުރަށް ފާހަގަކުރެއްވީ ރައްޔިތުންނަށް އެކަށީގެންވާ ވަގުތުގައި އަދި ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތައް ދިމާވާކަމެވެ. ރަށްތަކުގެ ދުރުމިނުގެ ސަބަބުން، އެކި ކަންކޮޅުތަކުގައި ތިބޭ ބަލިމީހުންނަށް އަވަހަށް އަދި ރައްކާތެރިކަމާއެކު ފަރުވާ ދިނުމަށްޓަކައި، ބޭނުންވާ ޞިއްޙީ އާލާތްތަކާއި ވަސީލަތްތައް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެ އަމާޒަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.









