ރާއްޖޭގައި ވޭޕް މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުގެ ޑްރާފްޓްގައި ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ދިނުން މަނާކޮށް، 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުށަހަޅައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތުގެ މަތިން، ވޭޕް މަނާކުރުމަށް ގެންނަންޖެހޭ ޤާނޫނީ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.
ރައީސް މުޢިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުން 15 ޑިސެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މިހާރު ތައްޔާރުކޮށްފައިވާ ބިލުގެ ޑްރާފްޓްގައި، އިލެކްޓްރޯނިކް ސިގިރެޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ކުޑަކުދިންނަށް ވިއްކުމާއި ދިނުން މަނާކޮށް، އެފަދަ ޢަމަލެއް ކުރާ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ވޭޕް ބޭނުންކުރާ ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާކުރުމަށާއި، ވޭޕް ވިއްކާ ނުވަތަ ހިލޭ ބަހާ ފަރާތްތައް ކޮންމެ އައިޓަމަކަށް 20،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ހުށަހަޅާފައިވެއެވެ.
އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެންނަ އިސްލާޙުގެ ޑްރާފްޓްގައި، އިލެކްޓްރޯނިކް ސިގިރެޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
މި ބިލަކީ އަދި ޑްރާފްޓް މަރުޙަލާގައިވާ ބިލެއް ކަމަށްވުމާއެކު، ޖޫރިމަނާގެ އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.









