މި ސަރުކާރުން 7،000 އަށްވުރެ ގިނަ ވަޒީފާ ދީފައިވާ ކަމަށް ބުނާ ޚަބަރު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދޮގުކޮށްފިއެވެ. މި ޚަބަރު ދޮގުކުރެއްވީ އެކްސް ޕްލެޓްފޯމުގައި ކުރެއްވި އެކްސެއްގައެވެ.
ހީނާ ވަލީދު ވިދާޅުވެފައިވަނީ، "ފުރިހަމަ ތަޙުޤީޤެއް ކުރުމަކާ ނުލައި، ހަމައެކަނި ޚިޔާލަށް އަންނަ ކޮންމެ ވާހަކައެއް ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ އުސޫލުތަކާ ޚިލާފު ކަމެއް" ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ، "ޕަބްލިކް ކޮމްޕެނީސް ބޯޑުން (ޕީސީބީ)އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 1000 އަށްވުރެ ގިނައިން ދަށްވެފައިވާކަން ފާހަގަކުރެވޭ" ކަމަށެވެ.
ހީނާ ވަލީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިފަދަ އޮޅުވާލައިގެން ގެނެސްދޭ ޚަބަރުތަކުގެ މަޤްޞަދަކީ، ސަރުކާރުގެ ޚަރަދުތައް ހަރުދަނާކުރުމަށާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޤައުމު ވެއްޓިފައިވާ ދަރަނީގެ ވަޅުގަނޑުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތާއީދު ކުޑަކުރުމެވެ. މިކަމުގެ ސަބަބުން ޙަޤީޤަތް އޮޅޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.








