މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ "އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯސް 3" ފަށައިފިއެވެ.
ކޯސް ފެށުމުގެ ގޮތުން އޮކްޓޫބަރު 13 ވަނަ ދުވަހު އެންސީއޯ އެކެޑަމީ، ކ.ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެޖުޓަންޓް އޮފް އެމްއެންސީސީ އަދި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދުއެވެ.
އެމްއެންޑީއެފް އިން ބުނީ މި ކޯހުގައި، ރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ގިނަ ސްކޫލުތަކަކުން 24 ކެޑޭޓުން ބައިވެރިވެފައިވާ ކަމަށެވެ. 10 ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގެ ތަމްރީނުގެ ބަައިތައް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދާއިރު، މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަަރަކާތްތެރިވަނީ އެމްއެންޑީއެފްގެ މުދައްރިބުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އެންސީއޯ އެކެޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރ ކޮމާންޑް ސާޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲ އާއި، އެންސީއޯ އެކެޑަމީގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ފަސްޓް ސާޖަންޓް ޝަކީބް ޒުހައިރުއާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޓްރެއިނިންގ އެންޑް ކޯޑިނޭޝަން އޮފިސަރ ސާޖަންޓް މޭޖަރ ޒުޙައިރު ޙުސައިންއާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އޮފިސަރުންގެ އިތުރުން ކޯހުގެ ޕްރޮގްރާމް ކޯޑިނޭޓަރ، ސާޖަންޓް މޭޖަރ ސަޢީދު ޙަސަން އަދި ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.









