ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއިޝަތު އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވަނީ އިއްޔެއެވެ.
އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބައްދަލުވުމެއް ބާއްވާފައިވާއިރު، އަޒީމާއާ އިންޓަވިއު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހަޅުއްވައި ތާއީދުވެސް ވަނީ ލިބިފައެވެ.
ނަމަވެސް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ދާޢޫދު ވިދާޅުވީ އަޒީމާގެ ވަނަވަރަށް ބަލާއިރު، ތަޢުލީމާއި ތަޖުރިބާގެ އަލީގައި ޤާބިލު ބޭފުޅެއްކަން ސާފުވާތީ އިންޓަވިއު ކުރުމެއް ނެތި ކޮމިޓީން ރުހުން ދިނުމަށް ފެނޭކަމަށެވެ.
ދާޢޫދުގެ އެ ހުށަހެޅުމަށް ތާއީދު ލިބުމުން މެންބަރު ރިފާއު ވަނީ އޭނާގެ ހުށަހެޅުއްވުން އަނބުރާ ގެންދަވާފައެވެ. އެގޮތުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަންކުރަން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑަިއގެންނެވި އަށް މެންބަރުންގެ އިއްތިފާޤުންނެވެ.
އަޒީމާ ވަނީ ޚާރިޖިއްޔާގެ އެކި މަޤާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރައްވާފައެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމު 2019 ވަނަ އަހަރުން ފެށިގެން 2023 އަށް އަދާ ކުރައްވާފައެވެ. އަދި އޭނާ މިހާރު ހުންނެވީ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައި، އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގައެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ފޮނުއްވީ އެ މަޤާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވުމުންނެވެ.









