ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަޤާމަށް އަނެއްކާވެސް ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ހަމަޖައްސައިފިއެވެ.
ނަސީރު ވަނީ މީގެ ކުރިންވެސް އެ މަޤާމު އަދާކުރައްވާފައެވެ. އޭނާ އަލުން އެ މަޤާމަށް ހަމަޖައްސާފައި މިވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ބަދަލުކުރެއްވުމަށް ފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަޤާމަށް ނަސީރު އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ މަޤާމުގައި އޭނަ ހުންނަވަނިކޮށް، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް އޭނާ ބަދަލުކުރެއްވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން އަނެއްކާވެސް ނަސީރު ވަނީ ފިނޭންސްގެ އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރައްވާފައެވެ.
ނަސީރުގެ މަޤާމު ބަދަލުކުރައްވާފައިވާއިރު، މި ފަހުން ރައީސް ވަނީ އެމަނިކުފާނުގެ ކެބިނެޓަށްވެސް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ފޮރިން މިނިސްޓަރަކަށް ޑރ. އަބްދުﷲ ޚަލީލް، ފިނޭންސް މިނިސްޓަރަކަށް މޫސާ ޒަމީރު، ހެލްތު މިނިސްޓަރަކަށް އަބްދުﷲ ނާޒިމް ވަނީ އައްޔަންކުރައްވާފައެވެ.









