ހައްދުފަހަނައެޅި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 902 އާއިލާ މުޅިން ފޮހެވިފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. ފަލަސްޠީނުން ބުނާގޮތުގައި ފާއިތުވީ 1 އަހަރުތެރޭގައި އެ އާއިލާތައް ސިވިލް ރެޖިސްޓްރީން ފޮހެވިފައިވެ އެވެ. މާނައަކީ އެމީހުންގެ ކޮންމެ މެމްބަރަކު ވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި މަރާލާފައިވާ ކަމެވެ.
އޭގެތެރޭގައި ހިމެނޭ އެންމެ ގިނަ މީހުންނަކީ މި އާއިލާތަކުގެ މީހުންނެވެ.
- އަލްނަޖާރު - 393
- އަލްމަސްރީ - 226
- އަލްއަސްޓަލް - 225
- އަޝޫރު - 166
- ޝާހީން - 164
- ހަމްދާން - 151
- އަލްމަޟާން - 146
- އަހުމަދު - 145
- ޢިބާދު - 144
- ހިޖާޒީ - 141

މީގެ އިތުރުން 1،364 ފަލަސްތީނުގެ އާއިލާއެއްގެ އެންމެ މީހަކު ފިޔަވައި ދެންތިބި އެންމެން ވަނީ ޝަހީދުކޮށްފައެވެ. އަދި 3،472 އާއިލާއެއް އެންމެ ދެމީހުންނަށް ވަނީ މަދުކޮށްފައެވެ.
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 16،756 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެ މިނިސްޓްރީން ވަނީ ޝަހީދުވި މީހުންގެ ތެރެއިން 34،344 މީހުންގެ ނަމާއި އުމުރާއި ޖިންސާއި އައިޑީ ނަންބަރު ތަފްސީލުކޮށް ފުރިހަމަ ރިޕޯޓެއް ޝާއިއުކޮށްފައެވެ. ބައިލައްކައަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އަދިވެސް އެތައް ހާސް ހަށިގަނޑުތަކެއް ވަނީ ދެނެގަނެވޭ ގޮތް ނުވެފައެވެ.
ޣައްޒާގައި އެވްރެޖްކޮށް ދުވާލަކު 115 މީހުން ޝަހީދުކުރެއެވެ. އެއީ ޣައްޒާގައި ދިރިއުޅޭ ކޮންމެ 55 މީހުންގެ ތެރެއިން އެކަކެވެ. 46 މީހުންނަކީ ކުޑަކުދިންނެވެ. 31 މީހުންނަކީ އަންހެނުންނެވެ. 38 ފިރިހެނުންނެވެ. ޒަޚަމްވާ ރޭޓަކީ އެވްރެޖްކޮށް ދުވާލަކަށް 266 މީހުންނެވެ. އެއީ ޣައްޒާގެ ކޮންމެ 23 މީހުންގެ ތެރެއިން އެކަކެވެ. މީގެ އިތުރުން ބޮން އެޅުމުގެ ސަބަބުން ވެއްޓޭ ޢިމާރާތްތަކުގެ ދަށުން 27 މީހުން ގެއްލިގެން ހޯދަން ޖެހެއެވެ.
އިސްރާއީލުން ވަނީ ޢާއިލާތަށް ފޮހެލައި ޣައްޒާއަކީ އެތައް ހާސް ކުޑަކުދިންގެ ގަބުރުސްތާނަކަށް ހަދާފައެވެ. 17،000 އަށް ވުރެ ގިނަ ކުދިންގެ މައިންބަފައިން ވެސް ވަނީ ގެއްލިފަ އެވެ.









