ރާއްޖޭގައި ވޭޕް މަނާ ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ މި ޤައުމުގެ މުސްތަޤުބަލަށް ބޭނުންތެރި ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު ހަވީރު ވިދާޅުވެފައިވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މި ނިންމެވުމާ ގުޅިގެން ޢަބްދުއްރަޙީމް ވިދާޅުވީ، ވޭޕުގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ރައީސް މުޢިއްޒު ނިންމެވި ވަރުގަދަ ނިންމެވުމަކީ މި ޤައުމުގެ މާދަމާގެ މުސްތަޤްބަލަށްޓަކައި ނިންމެވި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމަށެވެ. އަދި މި ނިންމެވުމަށް މަރުޙަބާއާއި ތަހްނިޔާ އަރިސް ކުރައްވާ ކަމަށްވެސް ޢަބްދުއްރަޙީމްިި ވިދާޅުވިއެވެ.
މީގެ އިތުރުން، ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެފައިވަނީ ރާއްޖޭގައި ވޭޕް މަނާ ކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ރައީސްގެ މި ނިންމެވުމަށް ގިނަބައެއްގެ ތައުރީފް ލިބެމުންދާކަން ފާހަގަކުރެވެއެވެ. މި ނިންމެވުމަކީ ރާއްޖޭގެ ޒުވާނުންނާއި މުޅި މުޖުތަމަޢަށް ފައިދާކުރާނެ ނިންމެވުމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.









