ވޭޕް މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ ވޭޕްކުރުން މަނާކުރަން ނިންމެވި ނިންމެވުމަކީ ޤައުމުގެ ޒުވާން ޖީލުގެ މުސްތަޤްބަލްގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމެއް ކަމަށެވެ. އަދި މި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ނިންމަވާފައެވެ. މީގެ އިތުރުން، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށްވެސް އެމަނިކުފާނު ނިންމަވާފައިވެއެވެ.
ރައީސް ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގަވާފައެވެ.
މި ނިންމެވުމަކީ ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ނިންމަވާފައިވާ މުހިންމު ނިންމެވުމެއްކަން ފާހަގަކުރެވެއެވެ.









