ވޭޕާއި އެއާ ގުޅުންހުރި ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ފުރިހަމަ އަށް ތާއީދުކޮށްފިއެވެ.
މި ނިންމެވުމަކީ މުސްތަޤުބަލަށްޓަކައި އެޅުއްވި ފިޔަވަޅެއްކަމަށް ބުނެ، މިކަން ތަންފީޒުކުރުމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ޕީއެންސީން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.
ރައީސް މުޢިއްޒު މިއަދު ހަވީރު ވިދާޅުވި ގޮތުގައި، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާކުރެވޭނެއެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީއެންސީން ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެދިފައިވާ ގިނަ ދިރާސާތަކުން ސާބިތުވާ ގޮތުގައި ވޭޕަކީ ދުންފަތުގެ އެހެނިހެން ބާވަތްތަކަށްވުރެ ނުރައްކާތެރި ގެއްލުން ބޮޑު އެއްޗެހިތަަކެއް ކަމަށެވެ. އޭގެ ސަބަބުން ޒުވާނުންގެ ފުއްޕާމޭގައި ފެން އުފެދި ލިބޭ ގެއްލުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނައަށް ނުރައްކާވާކަން ޕީއެންސީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން ކުޑަކުދިންނާއި، ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވާކަންވެސް ޕީއެންސީން ބުންޏެވެ.
"އެއީ އަންނާން އޮތް ދިވެހި ޖީލުތައް ހިމާޔަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި މި ޕާޓީން ގަބޫލުކުރަން. އަދި ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރާ ހާލު ގައުމުގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެހާ އިދާރާތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރަން،" ޕީއެންސީން ބުންޏެވެ.









