އައްޑޫ ސިޓީ މަރަދޫގައި ހުރި ގެއެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ގޭތެރޭގައި ހުރި އޭސީތަކެއްގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:13 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރ ފައިޓަރުންގެ ހަލުވި އަދި ހުނަރުވެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަލިފާން މުޅިން ނިއްވާލެވިފައިވަނީ ހަވީރު 17:45 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން، ގޭގައި ހުންނަ އިލެކްޓްރިކް އާލާތްތަކުގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރިއެވެ.









