މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ އުޅަނދުތައް ބޭނުންކުރަން ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށްޓަކައި ދެކުންފުނީގެ މެދުގައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފެވެ.
މި އެއްބަސްވުމުގެ ދަށުން، މިފްކޯގެ މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ޚިދުމަތެއް އެމްއެސްއެސްއިން ފޯރުކޮށްދޭނެއެވެ. މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން "އެމްއެސްއެސް އޯޕަލް" މެދުވެރިކޮށް ކޮންޓެއިނަރުތަކުގައި އުފެއްދުންތައް މާލެ ގެނެސް، އެތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އެކްސްޕޯޓްކުރެވޭނެއެވެ.
އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކަށްވެސް މަސް އެކްސްޕޯޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ މަސްވެރިކަމުގެ ސިނާއަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށްވެސް ވިދާޅުވިއެވެ.
މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފް ވިދާޅުވީ، މި ނިންމުމާާއި ގުޅިގެން އެކްސްޕޯޓް ޚިދުމަތަށް ހެޔޮ ބަދަލެއް އައިސް، އެކަމަށް ކުންފުނިން ކުރާ ހޭދަ ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށެވެ. އަދި މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ޙައްލެއް ލިބި، އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްއެސްއެސްއިން ބުނިގޮތުގައި ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި މި ކަމަށް ޚާއްސަ އުޅަނދެއް ބޭނުންކުރާނެ ކަމަށާއި، ބޭރަށް މަހުގެ ޝިޕްމަންޓް ފޮނުވާނީ މިހާރު ދަތުރުކުރާ މާލެ-ކޮލަމްބޯ އަދި ކޮލަމްބޯ-މެލޭޝިއާ ދަތުރުތަކުން ކަމަށެވެ. މީގެ އިތުރުން ޝިޕްމަންޓް ފޮނުވަން ބޭނުންވާ ޓްރާންޝިޕްމަންޓް ޕޯޓުތަކާ އުޅަނދުތަކަށް ވެސް ޚިދުމަތް ދޭނެ ކަމަށް އެމްއެސްއެސްއިން ބުންޏެވެ.
މި އެ.އްބަސްވުމަކީ މިފްކޯގެ މަސް އެކްސްޕޯޓްކުރުމުގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއްކަން ފާހަގަކުރެވެއެވެ. މީގެ ކުރިން މިފްކޯއިން މަސް އެކްސްޕޯޓްކުރަމުން އައީ، ސަޕްލައި ދޯނިފަހަރުގައި ޖަނަރޭޓަރ ސެޓް ގުޅައި، އެއަށް ރީފަރ ކޮންޓެއިނަރު ލޯޑްކޮށްގެން މާލެ ގެނެސް ނުވަތަ ރީފަރ އުޅަނދުފަހަރަަހަރަށް ބަލްކްކޮށް މަސް ލޯޑުކޮށްގެންނެވެ. ނަމަވެސް މި އައު އެއްބަސްވުމާއެކު، މިފްކޯގެ މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، ޚަރަދު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.









