ދޮގު މައުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މައުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިިހެން ވިދާޅުވީ މިހާރު ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެސެމްބްލީގެ މައުޟޫއަކީ "ސުލްހަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން". މިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީއާއި ތަހުޒީބު ގެނައުމަށް އަދި ދިވެހިންގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުން މުހިންމު ކަމަށެވެ. އަދި ފުރިހަމަ ޑިޖިޓަލައިޒްޑް އިގްތިސާދެއް އުފެއްދުމުގެ މަގްސަދުގައި، އާންމު ޚިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިންގ ރަނގަޅު ކުރުމަށް މަސްނޫއީ ވިސްނުން ބޭނުންކުރުމަށްވެސް ރާއްޖެއިން ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
'މިފަދަ ގޮންޖެހުންތަކުން ސަލާމަތް ކުރުމަށް ގާނޫނުހަދާ މަޖިލިސްތަކުތަކުގެ މަސްއޫލިއްޔަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އާ އީޖާދުތަކާއެކު އެއަށް ބޭނުންވާ ގަވާއިދުތައްވެސް އެކުލަވާލުމަކީ މުހިންމުކަމެކެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި، އައިޕީޔޫއިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ގައުމުތަކުން އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ދިރާސާތައް ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަބްދުއްރަހީމް ތަގްރީރު ނިންމަވާލައްވަމުން، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަންދީ ސުލްޙަ ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.
ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، އާންމުން ތަހަންމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.









