ވޭޕްކުރުމާއި ވޭޕް އެތެރެކުރުން މަނާކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފްތާ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ޤައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވަން." ކަމަށެވެ. އަދި ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މި ނިންމުމަކީ ޞިއްޙަތަށް ގެއްލުންހުރި ވޭޕްގެ ބޭނުންކުރުން ހުއްޓުވުމަށާއި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި މި އާދަ އިތުރުވަމުން ދިއުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.









