ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގެ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރުމަށް ހުށަހެޅި އާރުޓީއައި އާ ގުޅިގެން ހުރިހާ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި މުރައިދޫގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޢަދަދު ހާމަނުކުރުމަށް ވަނީ ފާސްކޮށްފައެވެ. އެ ނިންމުން ނިންމާފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހްގެ ހުށަހެޅުމަކަށް މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވުމާ ގުޅިގެންނެވެ.
ނަމަވެސް، މިއަދު ހަވީރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މުވައްޒަފުންގެ ވަނަވަރާއި، މުސާރަ އަދި މުވައްޒަފުންގެ ޢަދަދު ހާމަ ކުރުމަށް ހުށަހެޅި ސިޓީގައި އެދިފައިވާ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދިނުމަށް ވަނީ ފާސްކޮށްފައެވެ. މި ހުށަހެޅުން ހުށަހެޅުއްވީ ވެސް އިބްރާހިމް ފަލާހެވެ.
ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކޮށް، ހެނދުނު ނިންމި ނިންމުން ވަނީ ބާތިލްކޮށްފައެވެ. މި ނިންމުމާ އެކު މުރައިދޫގޭގެ މުވައްޒަފުންގެ ވަނަވަރާއި، މުސާރަ އަދި މުވައްޒަފުންގެ ޢަދަދު ހާމަކުރަން ޖެހޭނެއެވެ.
މުރައިދޫގެއަކީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ޖުލައި 26 ގައި ބަދަލުވެވަޑައިގެންނެވި ރަސްމީ ގެކޮޅެވެ. މި ގޭގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް އާދަމް ހަލީމް (މުންޑޫ) އަދި ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހަމަޖައްސާފައެވެ.
މި ގެކޮޅު މަޖިލީހުގެ ރައީސަށް ޚާއްސަކުރެވުނީ 2021 ގެ މެއި 6 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު އޭރުގެ ސަރުކާރުން ސަލާމަތީ ގޮތުން އެޅި ފިޔަވަޅެއްގެ ދަށުންނެވެ. މިހާރު ޤާނޫނު ބަދަލުކޮށް، މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ވެސް ދަޢުލަތުން ރަސްމީ ގެކޮޅު ހަމަޖައްސައިދެއެވެ.









