މިއަދު ހެނދުނު މާލޭގެ ބޮޑުތަކުރުފާނު މަގުން ދަތުރުކުރަމުންދިޔަ ޕިކަޕެއްގެ ބެޓެރީގައި އަލިފާން ރޯވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު 8:39 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ ބޮޑުތަކުރުފާނު މަގުން އިރަށް ދަތުރުކުރަމުންދިޔަ ޕިކަޕެއްގެ ބެޓެރީ ޝޯޓްވުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ހާދިސާގެ ޚަބަރު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަޙައްދަށް ގޮސް، 8:42 ހާއިރު އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.









