މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގޭގެ މުވައްޒަފުންނާ ބެހޭ މަޢުލޫމާތު ހާމަކުރުމަށް ހުށަހެޅުނު އާރުޓީއައައި އަކާ ގުޅިގެން، އެ މަޢުލޫމާތު ސިއްރުކުރުމަށް 241 ކޮމިޓީން ނިންމި ނިންމުން އަލުން މުރާޖަޢާކުރުމަށްޓަކައި، އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ބައްދަލުވުމުގައި ކުރިން ނިންމި ނިންމުން އަލުން މުރާޖަޢާކޮށް، އިތުރު ގޮތްތަކެއް ނިންމުމަށް މަޝްވަރާކުރެވޭނެއެވެ.
މުރައިދޫގޭގެ މުވައްޒަފުންގެ މަޢުލޫމާތު ހާމަނުކުރުމަށް ނިންމާފައިވަނީ މިއަދު ހެނދުނު ބޭއްވި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ސިއްރު ބައްދަލުވުމެއްގައެވެ. މި ނިންމުން ނިންމުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް އެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެވެ.
އެހެންނަމަވެސް، މި ނިންމުން ބަދަލުކުރުމަށް ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިއަދު ހަވީރު 16:00 އަށް ވަނީ ތާވަލުކޮށްފައެވެ މި ނިންމުން ބަދަލުކުރުމަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަހީމް އަބްދުﷲ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، މިކަމުގެ ޙަޤީޤަތް އަދި ސާފެއް ނުވެއެވެ.
މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ މުސާރައަށް ހޭދަވާ މިންވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.









