އިސްލާމީ މަރުކަޒުގެ މުންނާރު އިތުރަށް ފުރިހަމަ ކުރުމަށް ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ، ސީއެސްއާރުގެ ދަށުން މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
މި މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކޮށްދެއްވުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ، ވަޒީރު ޑރ. ޝަހީމްއާއި ބައްދަލުކުރެއްވުމަށްފަހުއެވެ. އެ މަޝްވަރާއަށް ފަހު ރަސްމީ އެކްސް އެކައުންޓުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
މީގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒު ކައިރީގައި އެ ވުޒާރާއިން އަލަށް މަސްފެންގަނޑެއް ހަދަން ނޫޅޭ ކަމަށާއި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން މިވަގުތު މިބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ އެ ޢިއުލާނު ބާޠިލްކުރަން އަންގަވާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ އެ ފެންގަނޑަކީ އިސްލާމީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް ކަމަށާއި އެތަން ހަލާކުވެފައި ހުރުމުން މަރާމާތުކުރުމުގެ މަސައްކަތެއް ފަށަން އުޅުނީ ކަމަށެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެ މިނިސްޓްރީން އަލަށް މަސްފެންގަނޑެއް ހަދަން އުޅުނީ ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
ސްޓެލްކޯއިން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައި މިވަނީ އޭގެ ފަހުންނެވެ.
އިސްލާމީ މަރުކަޒުގެ މުންނާރާއި، އިސްލާމީ މަރުކަޒުގެ ސަރަޙައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ވުޒާރާއިން ކުރަމުން އަންނަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެންނެވެ. އަންނަ ނޮވެމްބަރު މަހުގެ 11 ގައި އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭއިރު، މި މުނާސަބާ ކުލަ ގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.









