މާލޭގައި ބިމެއް ވިއްކުމުގެ މައްސަލައެއްގައި ހައުސިންގ މިނިސްޓްރީގެ ކުރީގެ އިސް ދެބޭފުޅެއްގެ މައްޗަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން މިއަދު ބުނެފިއެވެ.
އޭސީސީން ބުނިގޮތުގައި މި މައްސަލައަކީ 2018 ވަނަ އަހަރު މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މިގޮތުން ދައުވާކުރުމަށް ހުށަހަޅާފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ ހ. އަގޮސްޓާ ނާއިފު ޝައުކަތު އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ދަފްތަރު 12537 ޙަސަން ވަޙީދުގެ މައްޗަށެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި، އެ ގޯތިން ދައުލަތަށް ލިބުނު ބިމާއި އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާއި ދުރުގައި އޮތް ބިމުގެ ވެރިފަރާތަށެވެ. މިއީ އޭރު ޢަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލު" އާ ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ.
އިތުރަށް އޭސީސީން ހާމަކޮށްފައިވާ ގޮތުގައި ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައި ނުވާކަން ތަޙުޤީޤަށް ހޯދާފައިވާ ހެކިތަކުން އެނގެއެވެ.
އޭސީސީން ބުނީ ޙަސަން ވަޙީދާއި ނާއިފު ޝައުކަތު ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް ޢަމަލުކޮށްފައިވަނީ، އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ހޯދި ހެކި ޤަރީނާއިން އެނގޭކަމަށެވެ.
މި މައްސަލައިގައި ދެ ފަރާތުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާފައިވާތީ ކަމަށް އޭސީސީން ބުނެފަވެއެވެ. މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.









