ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިންޓަރ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރޭގެ ވަގުތެއްގައި ޖެނީވާއަށް ވަޑައިގެންފިއެވެ. މިކަން މަޖިލީހުގެ އިދާރާއިން ވަނީ އިއުލާނު ކުރައްވާފައެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވާފައިވެއެވެ.

އައިޕީޔޫގެ 149 ވަނަ އެސެމްބްލީ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 17 ގެ ނިޔަލަށެވެ. އައިޕީޔޫ އަކީ 157 ގައުމުގެ މައްޗަށް އެކުލެވިގެންވާ، ރައްޔިތުންގެ މަޖިލީހަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވާ ދަނޑިވަޅުތަކުގައި، މަޖިލީހުގެ މެންބަރުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން އެ ޖަމިއްޔާގެ އެއްބާރުލުން މީގެ ކުރިންވެސް ލިބިފައިވާކަން ފާހަގަކުރެވެއެވެ.