ކ. މާފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށާއި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 76 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.
76.48 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ ތެރޭގައި 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނޭ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދިނެވެ.
މީގެ އިތުރުން، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން ހާމަކުރިއެވެ.
މަޝްރޫއުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއު ނިމުމުން، ކ. މާފުށީގެ ބަނދަރުގެ ޚިދުމަތްތައް ފުޅާވެ، ރަށުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް ބެލެވޭ ކަމަށް އެމްޓީސީސީން ފާހަގަކުރިއެވެ. އަދި ރަށުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ލަފާކުރާ ކަމަށް ބުންޏެވެ.









