ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީކޯޗު މުޙައްމަދު ޝަރަފް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗަކަށް އަލުން ހަމަޖައްސައިފި އެވެ. ޝަރަފް ގައުމީ ކޯޗަކަށް އެންމެ ފަހުން ހުރީ، މީގެ ހަތް އަހަރު ކުރިންނެވެ. އެއީ، 2017 ވަނަ އަހަރު މާލޭގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިންއާ ދިމާކޮށެވެ.

މީގެކުރިން ޝަރަފް ވަނީ އެއް ފަހަރާ ގިނަ ޒިންމާތަކެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި، ގައުމީ ފިރިހެން ޓީމުގެ ކޯޗުކަމުގެ އިތުރުުން، ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ އެއް ވަގުތެއްގައި އަދާކުރުން ވެސް ހިމެނެ އެވެ. ޝަރަފް ވަނީ ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރައިފަ އެވެ.

ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ޓީމަށް ރިހި މެޑަލް ހޯދައިދިން އިރު، މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް މުބާރާތްތަކަށް ސްކޮޑް ތައްޔާރުކުރުމަށެވެ. ޝަރަފް އަޒުމް ކަނޑައަޅާފައި ވަނީ ޚާއްސަކޮށް ކާވާ މެންސް ޗެމްޕިއަންޝިޕަށް ޓީމު ތައްޔާރުކޮށް ކުޅުން ރަނގަޅު ކުރުމަށެވެ.