ހުޅުމާލޭގެ ޕޮކެޓް ޕާކިން ޖާގަތަކަށް ކުރިމަތިލުމުގެ މުއްދަތު އެޗްޑީސީން އިތުރުކޮށްފިއެވެ. ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށްޓަކައި، އެޗްޑީސީން ވަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން 1،374 ޕާކިން ޖާގަ ދޫކުރުމަށް އިއުލާން ކޮށްފައެވެ. މި ޕާކިން ޖާގަތައް ދޫކުރެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، މަހަކު 2،000 ރުފިޔާގެ ކުއްޔަކަށް ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
އެޗްޑީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މި ޕާކިން ޖާގަތަކަށް ކުރިމަތިލެވޭނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. އަދި އެޕްލައިކުރާ ފަރާތުގެ ނަމުގައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ B1 ނުވަތަ C1 ކެޓަގަރީގެ ވެހިކަލްއެއް އޮންނަންވާނެއެވެ. މީގެއިތުރުން، އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށް ވެސް ވާންޖެހޭނެއެވެ.
ޕާކިން ސްލޮޓުތައް ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބު އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ފުރަތަމަ އިސްކަންދޭނީ ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. ދެން އިސްކަންދޭނީ މާލޭ ސަރަހައްދަށް (ހުޅުމާލެ ފިޔަވައި) ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، ޕާކިން ޖާގަތައް ދޫކުރާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. މި ޕޮކެޓް ޕާކިން ޖާގަތަކުގެ ސަބަބުން ހުޅުމާލޭގެ ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.









