މަސްވެރިންގެ ދުވަހަށް ތިން އެވޯޑެއް ދިނުމަށް ހަމަޖައްސައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި މަސްވެރިންނަށް ތިން އެވޯޑެއް ދިނުމަށް ނިންމާފައެވެ. މި އެވޯޑުތަކަކީ:
1. އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
2. އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
3. ޚިދުމަތްތެރި ފަރުމަސްވެރިޔާ
މި އެވޯޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ވާންޖެހެއެވެ.
އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ކަމާގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންވާނެއެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުތައް މަސްވެރިކަމާބެހޭ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅިދާނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމު އީމެއިލް މެދުވެރިކޮށް ފޮނުވުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ އަންގަވާފައެވެ.









