ގަދަ ވަޔާއިއެކު ބޯކޮށް ވާރޭވެހި ހުޅުމާލޭގެ އެތައް ސަރަހައްދުތަކަކަށް ގެއްލުން ލިބިއްޖެއެވެ. މޫސުމާބެހޭ ޤައުމީ މަރުކަޒު (މެޓް) އިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވެއެވެ.
މި ވިއްސާރައިގެ ސަބަބުން ހުޅުމާލެއަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި، ފެރީ ޓާމިނަލް ސަރަހައްދުގެ ވޯކްވޭ ފުރާޅަށް ލިބުނު ގެއްލުން ހިމެނެއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާ ގޮތުގައި، މި ގެއްލުން މަރާމާތުކުރުމުގެ މަސައްކަތް އެ ކުންފުނީގެ ޓީމުން މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން ހުޅުމާލޭގެ ބައެއް މަގުތަކުގައި ހުރި ގަސްތައް ވެއްޓި، ޕާކުކޮށްފައި ހުރި ސައިކަލުތަކެއްވެސް ވެއްޓިފައިވާކަން ފާހަގަކުރެވެއެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި، ވިއްސާރައިގެ އަސަރުކޮށްފައިވާ މަގުތައް ސާފުކޮށް، މީހުން އެއްވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
މެޓް އިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އާންމު ވައި ގަދަކޮށް ހިފަހައްޓާނެ ކަމަށް ލަފާކުރެވެއެވެ. އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ގިނަ ސަރަހައްދުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ބެލެވެއެވެ.









