އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ޠާހިރުކަމުގެ ދީނެއްކަމަށާއި، ބަދުއަޚްލާޤީ އަދި ފާޙިޝް ޢަމަލުތައް އަދި ޚާއްޞަކޮށް ޒިނޭ ފަދަ މާތްﷲ ޙަރާމް ކުރައްވާފައިވާ، މުޖުތަމަޢަށް ނުރައްކާތެރި ބަލިމަޑުކަމެއް ގެނުވައިދޭ ހަޑިމުޑުދާރު ޢަމަލުތަކުން ދުރުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ.
ޚުޠުބާގައި ޒިނޭގެ ނުރައްކާތެރިކަން ބަޔާންކުރަމުން، އޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރި، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެ، ޢާއިލާތައް ރޫޅި، އަދި ރަށްމެދަށް ވިހާ ކުދިން ގިނަވާކަމަށް ވަނީ ބުނެފައެވެ. އަދި ޒިނޭއަކީ ޙައްދު ކަނޑައެޅިފައިވާ ކުށެއްކަމަށާއި، ޤުރުއާނުގައި އޭގެ އަދަބު ބަޔާންކުރެވިފައިވާކަންވެސް ޚުޠުބާގައި ފާހަގަކުރިއެވެ.
ރަސޫލާ ޙަދީޘްކުރައްވައިފައި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތައް ބަޔެއްގެ ތެރޭގައި ފާޅުވެ، އެ ކަންތައްތައް ފާޅުގައިކޮށް އެ މީހުންގެ ތެރޭގައި ފެތުރިއްޖެ ނަމަ، އެ މީހުންގެ ކުރީގެ މީހުންގެ ތެރެއަށް ފާޅުވެފައި ނުވާ ޠާޢޫނާއި ވޭންދެނިވި ބޮޑެތި ބަލިތައް ފާޅުނުވެ ނުދާނެތެވެ."
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ދުނިޔޭގެ އަޚްލާޤު ފާސިދުވެފައިވަނީ ﷲ ގެ މަންހަޖުން ދުރުވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް އިސްލާމްދީނުން މި ފަދަ ވަބާތަކުން ސަލާމަތްވާނެ މަގު ދައްކާފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ފާޙިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިން، ތަޢުލީމީ މުއައްސަސާތައް އަދި މީޑިއާގެ މަސްއޫލިއްޔަތު އަދާކުރުމުންކަމަށް ޚުޠުބާގައި ބުންޏެވެ.
އެގޮތުން، ޚުޠުބާގައި ޒިނޭއަކީ ބޮޑު ފާފައެއްކަމަށް ބަޔާންކޮށްފައިވާއިރު، ތައުބާވާ މީހުންގެ ތައުބާ ﷲ ޤަބޫލުކުރައްވާކަންވެސް ފާހަގަކޮށްފައިވެއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ އުންމަތަށް އެންމެ ބިރުފުޅު ގަންނަ ކަމަކީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ޢަމަލުގެ ތެރެއަށް އެ މީހުން ވެއްޓުމެވެ."
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، މީހަކު އަމިއްލަ ޢާއިލާގެ މެންބަރުންނާއެކު ޒިނޭކުރަން ނުރުހޭނެ ފަދައިން، އެހެން މީހުންނާއެކުވެސް ޒިނޭކުރަން ނުރުހެންވާނެކަމަށެވެ. މިއީ އިންސާނީ ފިޠުރަތާ އެއްގޮތްވާ ގޮތުގެ މަތިން ވިސްނަންޖެހޭ ކަމެއްކަމަށް އިލްތިމާސްކޮށްފައިވެއެވެ.
ޚުޠުބާގައި ބުނީ ޖިންސީ ފާޙިޝް ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބަޢައް ކަމަށެވެ. ކާވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެންކަމަށެވެ. އަދި މާތްﷲ އަށް ދުޢާ ދަންނަވަމުން، ޒިނޭއާއި ފާޙިޝްޢަމަލުތަކުން އަޅަމެން ރައްކާތެރިކުރެއްވުމަށް އެދި ޚުޠުބާގައި ވަނީ ދުޢާކޮށްފައެވެ.
ޚުޠުބާގައި ވަކިން ޚާާއްޞަކޮށް ޒުވާނުންނަށް އިލްތިމާސްކޮށްފައިވަނީ ޒިނޭގެ ނުރައްކާތެރިކަމާމެދު ވިސްނައި، އިސްލާމީ އަޚްލާޤާއި އާދަކާދަތަކަށް ރުޖޫޢަވުމަށެވެ. އަދި މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށްވެސް މި މައްސަލައާ ދެކޮޅަށް ސާބިތުވެ ތިބުމަށް ގޮވާލާފައިވެއެވެ.
ޚުތުބާގައި ބުނީ، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ތަބާވެ، ޢިއްފަތްތެރިކަމާއެކު ދިރިއުޅުމަކީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ހޯދުމުގެ މަގުކަމަށެވެ. އަދި މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކޮށްގެން މެނުވީ މިފަދަ ނުރައްކާތެރި ވަބާއަކުން ސަލާމަތްވުމަކީ ދަތިކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.









