އެއްވެސް ކަމެއް އަތުން ދޫވެގެން ނުދާނެ ކަމަށާއި ޤައުމީ އިސްތިޤްލާލް އެންމެ ފުރިހަމައަށް ހިމާޔަތް ކޮށްފައިވާކަމުގެ ފުރިހަމަ ޔަޤީންކަން އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމްޑީޕީ ސަރުކާރުގައި އުފެދުނު ޤައުމީ އިސްތިޤުލާލާ ގުޅޭ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވަމުން ބެންގަލޫރުގައި ތިބި ދިވެހި ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި ކުރިންހެން މިހާރަކު އެއްވެސް ކަމެއް އަތުން ދޫކޮށްނުލައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނަޝިޕް އޮން އިކޮނޮމީ އެންޑް މެރިޓައިމް ސެކިއުރިޓީ" އެއްބަސްވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ އެއްގޮތް އެއްބަސްވުމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް އިން މުރާޖަޢާކޮށް ފާސްކޮށްފައިވާ އެއްބަސްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖޭގެ އަމިއްލަ ސަލާމަތީ ޤާބިލްކަން އިތުރުކުރުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ޤައުމީ ސިޔާދަތާއި އިސްލާމްދީނާއި އައިޑެންޓިޓީއަށް އެއްވެސް ގެއްލުމެއް ނުލިބި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިޤްތިޞާދީ ކުރިއެރުމާއި ކަނޑުގެ ސަލާމަތަށް ވެސް ބާރުފޯރުވާ އިންޑިއާއާ އެކު ޕާޓްނަޝިޕަކީ ދެ ޤައުމަށް ވެސް ކާމިޔާބު ލިބޭ ޙާލަތެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.









