އިންޑިއާއަށް ކުރެއްވި ރަަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހު 1:18 ހާއިރުއެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް ނޯޓް ވަރބޭލް ބަދަލުކުރުމާއި ދާދިވަރުކޮށް އިފްތިތާޙުކުރުން ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަޤުރީރުކުރައްވާފައެވެ. އަދި މުމްބާއީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައިވެސް އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާފައިވަނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ.
ރައީސް ގެންދަވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ހުރިހާ ޤައުމަކާވެސް ބަދަހި ގުޅުމެއް ދެމެހެއްޓެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.









