ދިވެހި ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއާއެކު ކުރައްވަމުންދާ މަސައްކަތްޕުޅުގައި ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ދަތުރުފުޅެއްގައި ހުންނަވައި މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޚަލީލު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ކުރަމުންދާ އެއްވެސް މަސައްކަތެއްގައި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.
"ފޮރުވާނެ އެއްވެސް ކަމެއް ނެތް މިގުޅުމުގެ ތެރޭގައި. އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތްކޮށް އަބަދުވެސް މަސައްކަތްކުރާ ޤައުމެއް. ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ޤައުމު." ޚަލީލު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުން ދެކަމެއް ފާހަގަ ކުރެވުނު ކަމަށް ޚަލީލު ވިދާޅުވިއެވެ. އޭގެ ތެރޭގައި ރައީސްގެ ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅުތަކުގެ މަތީ ދެމިހުންނަވައިގެން، އެ ވާހަކަތަކާ އެއްގޮތަށް ރައްޔިތުންނަށް ރަނގަޅުގޮތް ހޯދުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ހިމެނޭކަމަށް ޚަލީލް ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީގެ ގޮތުގައި ތިބިއިރު އިންޑިއާއާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ސަބަބާ ގުޅޭގޮތުން ޚަލީލު ވިދާޅުވީ، އެއީ އޭރުގެ ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކުގެ ނަތީޖާ ދިވެހިން ތަހައްމަލު ކުރަމުން ދިޔުމުގެ ސަބަބުން ކަމަށެވެ.
ޚަލީލު އިތުރަށް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒަކީ އެމަނިކުފާނު އާއެކޭ ވިދާޅުވެއްޖެނަމަ އެގޮތަކަށް ޢަމަލުކުރައްވާނެ ބޭފުޅެއްކަން އިންޑިއާގެ އިސްވެރިންނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން ރައީސް މުޢިއްޒަށް އިންޑިއާއިން އެހާ ހޫނު މަރުޙަބާއެއް ދެންނެވީ ދިވެހި ސަރުކާރަކީ ރައްޔިތުންގެ މަންފާއަށްޓަކައި އަދި އިންޑިއާއަށްވެސް ފައިދާވާ ގޮތަށް ޢަމަލުކުރާނެ ސަރުކާރެއްކަން އިންޑިއާ ސަރުކާރުން ޤަބޫލުކުރާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރީ ސަރުކާރުތަކުން ރައްޔިތުންނަށް ކަންތައްތައް ފޮރުވަން ހަދައިގެން ނުކިއްސަރު އެތައް ކަމެއް ކޮށްފައި ހުރި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން ބޭނުންވަނީ ދެ ޤައުމު ގުޅިގެން އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަމުންދާކަން ރައްޔިތުންނަށް ދެއްކުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގައި ބޭނުންވަނީ ދެފަރާތުންވެސް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރާކަން ދެއްކުން. އެކަން ރައީސް ޑރ. މުޢިއްޒު ރައީސްކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ދައްކަވަމުން އެގެންދަވަނީ." ޚަލީލު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި 'ވިޝަން ޑޮކިއުމަންޓު' ކިޔާ ލިޔުމެއް އުފެދިގެން ދިޔަކަންވެސް ޚަލީލު ފާހަގަކުރެއްވިއެވެ. މި ލިޔުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތް ތަނުގައި ދެ ޤައުމު ގުޅިގެން ކުރާނެ މަސައްކަތްތަކުގެ އަސާސް ކަމުގައި ފާހަަގަކުރެވެއެވެ.









