އިންޑިއާ ދަތުރުން ލިބުނު ކުރިއެރުންތަކާއެކު އިގްތިސާދީ ޕޮލިސީ ތަންފީޒު ކުރުމަށް ފަސޭހަވާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިންޑިއާ ދަތުރަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ އިންޑިއާއާއެކު ސޮއިކުރެވުނު ކަރަންސީ ސްވެޕް އެގްރީމެންޓްގެ ދަށުން ރާއްޖެއަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރާ ގާތްކުރާ ޢަދަދެއްގެ ފައިސާ ލިބޭނެ ކަމަށެވެ. މިކަމުގެ ސަބަބުން މިހާރު ހުރި ބައެއް ދަތިތައް ފިލައިގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
"ކުއްލިއަކަށް ދިމާވާ ކަންކަން ހައްލުކުރުމާއި ކްރޮސް ރިޒާވް ވެސް މައްޗަށް ދިއުމާ އެއްކޮށް ރޭޓިން އެޖެންސީތަކުން ދީފައިވާ ރޭޓިންއަށް ބަލާއިރު ވެސް ރިޒާވްގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކޮށްފައި އޮތީ. އެހެންވީމާ އެއަށް ލިބިގެންދާ ފަސޭހައަކަށްވާނެ. ރޭޓިންއަށް ހެޔޮ ބަދަލެއް ލިބޭނެ. އެހެންކަމަށް ވެއްޖިއްޔާ އަޅުގަނޑުމެންނަށް އިތުރަށް މާލީ ދާއިރާގައި ކުރަން ހުރި ރިފޯމް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ." ޒަމީރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގިނަ ރިފޯމްތަކެއް ގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި މިހާރު ކުރެވޭ ޚަރަދުތައް އެކަށީގެންވާ ގޮތަކަށް ބަޖެޓް ގެންދިއުމަށްޓަކައި ރިފޯމް ކުރުން ކުރިއަށް އޮތް ކަމަށް ވިދާޅުވިއެވެ.
"އިޤްތިޞާދު ފުޅާކުރުމަށް މަސްވެރިކަމުގެ ދާއިރާ ރަނގަޅުކޮށް ބޭރުން އިންވެސްޓްމަންޓް ގެނައުން އެބައޮތް. މި ހުރިހާ ކަމަކާ އެއްކޮށް މި ދަތުރުގައި ލިބުނު ކުރިއެރުންތަކާ އެއްކޮށް ވަރަށް ތަނަވަސްކަން ލިބިގެންދާނެ އިޤްތިސާދީ ޕޮލިސީތައް އިމްޕްލިމެންޓް ކުރުމުގައި." ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަމީރު ވިދާޅުވީ އިންޑިއާ ދަތުރާއި ގުޅިގެން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ހަރުދަނާވެފައި ކަމަށެވެ. އަދި އެ ދަތުރުގައި މައިގަނޑު ގޮތެއްގައި ކުރި މަސައްކަތަކީ އިންޑިއާގެ ވިޔަފާރިތައް ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހި ކުރުން ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. އެގޮތުން ތިން ފޯރަމެއްގައި އެ މަސައްކަތް ކޮށްފައިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.









