ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްޤެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، އެއީ ކޮންމެ އިންސާނަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށެވެ.
މި ދުވަހާ ގުޅުވައިގެން، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ރައްކާތެރި، ދުޅަހެޔޮ މަސައްކަތު މާހައުލުތަކަކީ ނަފްސާނީ ސިއްހަތަށް ރައްކާތެރި ތަނެއްގެ ގޮތުގައި މަސައްކަތް ކުރެވިދާނެ ތަންތަންކަމަށް ފާހަގަކޮށްފައެވެ. އަދި ދުނިޔޭގެ އާބާދީގެ 60 އިންސައްތަ މީހުން މަސައްކަތުގައި އުޅޭއިރު، މަސައްކަތުން ނަފްސާނީ ސިއްހަތަށް ކުރިމަތިވާ ނުރައްކާތައް ހުއްޓުވައި، މަސައްކަތުގައި ނަފްސާނީ ސިއްހަތު ރައްކާތެރިކޮށް އެހީތެރިވެދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ.
ޑަބްލިޔުއެޗްއޯ އިން އިތުރަށް ބާރުއަޅާފައިވަނީ ސަރުކާރުތަކާއި ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާތަކާއި، މަސައްކަތްތެރިންގެ ސިއްހަތުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ޒިންމާވާ އެހެން ސްޓޭކްހޯލްޑަރުން ގުޅިގެން ނަފްސާނީ ސިއްހަތު ރަނގަޅު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ.
ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަހަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.









