އުފެއްދުންތެރި އަދި މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން، ރައީސް އެކްސްގައި ޙިއްޞާކުރެއްވި މެސެޖެއްގައި ފާހަގަކުރެއްވި ގޮތުގައި ސަލާމަތް ސިއްޙަތުގެ 50 އިންސައްތައަކީ ނަފްސާނީ ދުޅަހެޔޮކަމެވެ. އަދި އިންސާނާގެ އުފެއްދުންތެރިކަމާއި މުރާލިކަމަށް ނަފްސާނީ ޤާބިލުކަން މުހިންމު ދައުރެއް އަދާކުރާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެން އެންމެން ވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއް ކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އެދުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް އެ ފަރުދެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން ކަމަށެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ސޯޝަލް މީޑިއާގައި ޚާއްޞަ މެސެޖެއް ޙިއްޞާކުރައްވާފައެވެ. ނައިބު ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމަކީ އަސާސީ އިންސާނީ ޙައްޤެކެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ. މި ދުވަހުގެ މަޤްޞަދަކީ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ބަލިތަކާއި ގުޅިފައިވާ އިޖްތިމާޢީ ލަދުވެތިކަން ނައްތާލުމެވެ.









