އަސްކަރީ ދާއިރާގެ ފުރިހަމަ ބާރު މިހާރު އޮންނާނީ ދިވެހިންގެ އަތުގައި ކަމަށާއި ބޭރުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމިީ ދަތުރުފުޅާ ގުޅޭގޮތުން ދަޢުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

"މިހާރު އަސްކަރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި. ބޭރުގެ އެއްވެސް ނުފޫޒެއް އަސްކަރީ ގޮތުން، ދިފާޢީ ގޮތުން ނުފޯރުވޭނެ. މިއީ އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވާ ކަމެއް." ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައީސްގެ އިންޑިއާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންތައްތަކެއް އެމަނިކުފާނުގެ މަސައްކަތްޕުޅާއެކު ހާސިލްކުރައްވާފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައިވެސް އަދި ރައީސް މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ކުރައްވާފައިވާނުވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު އެމްއެންޑީއެފުން ހިމާޔަތްކުރާނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށާއި އެ ޚިދުމަތުގެ ޤާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އިންޑިއާ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގައިވެސް އޮތީ ރާއްޖޭން އެދޭ ޙާލަތްތަކެއްގައި، އެދޭގޮތަކަށް ދިވެހި އަސްކަރިއްޔާގެ ޤާބިލިއްޔަތު އިތުރުކުރެވޭނެ ވާހަކަތައް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ ރައީސްގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ދުނިޔޭގެ ޤައުމުތަކާއެކު މުޢާމަލާތްކުރައްވައި އެ ޤައުމުތަކާއެކު މަސައްކަތް ކުރެވޭނެ ޤައުމެއްކަން ސާބިތުކޮށްދެއްވަމުންދާކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ރަހުމަތްތެރި ޤައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އެ ޤައުމުތަކާއެކުގައި ކަމަށް ޣައްސާން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވެފައިވާ ހައިޑްރޮގްރަފީ އެއްބަސްވުން އައު ނުކުރުމަށް ނިންމުމުން އެފަދަ އެއްބަސްވުމެއް މިހާރު ނޯންނާނެކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ އެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ގާއިމުވެތިބުމުގެ ފުރުސަތު ދެން ނުދެއްވާނެ." ޣައްސާން ވިދާޅުވިއެވެ.