ތިން ދުވަސްތެރޭ ޣައްޒާއިން 54 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ޖަބަލިޔާއިން ޝަހީދު ކޮށްލާފައިވާ 40 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، އުތުރުގެ އެހެން ތަނަކުން އިތުރު 14 މީހުންގެ ހަށިގަނޑު ވަނީ ފެނިފައެވެ.
ޢިމާރާތްތަކުގެ ދަށުގައި އިތުރު ހަށިތަކެއް ހުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ޝަހީދުވެ ކުނިވެފައި އެބަތިބި ކަމަށާއި، އެތައް ހާސް ބަޔަކު ގެއްލިގެން އުޅޭ ކަމަށެވެ. އަދި ޒަޚަމްވެވެފައިވާ މީހުން 90 ހާހުން މަތީގައި އުޅޭއިރު، ވަނަވަރު އެނގޭ ޝަހީދުވި މީހުންގެ ޢަދަދު ބައިލައްކަ ފަހަނައަޅައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްރާއީލުން ހިތަށް އެރި ކޮންމެ ތަނަކަށް ރަހުމްކުޑަކޮށް ހަމަލާތައް ދެމުންއަންނައިރު، އަންގާރަ ދުވަހު ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާގެ ރައްޔިތުން ހިޒްބުالله އާއި ދެކޮޅަށް ނުތެދުވެއްޖެނަމަ ޣައްޒާ އޮންނަން ޖެހޭނީ ނިކަމެތިކަމުގައި ކަމަށް ވިދާޅުވެފައެވެ. މި އިންޒާރަކީ ހިޒްބުﷲއަށް ވެސް އޭނާ ދީފައިވާ އިންޒާރެކެވެ. ހިޒްބުﷲއަށް އެންގީ ހަމާސްއަށް ތާޢީދުކޮށް ވާގިވެރި ނުވުމަށެވެ. އެފަދަ ކަމެއް ކުރާހާހިނދަކު ލުބުނާނަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށް އިސްރާއީލުން ވަނީ އަންގާފައެވެ.









