އީރާނުން އެންމެ ފަހުން ދިން މިސައިލް ހަމަލާއަށް ދޭ ރައްދަކީ "މަރުވާފަދަ" އަދި "ސިއްސުވާލާފަދަ" ކަމަކަށް ވާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ދެއްވައިފިއެވެ.
އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީން ބުނާ ގޮތުގައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޫވިޖިލަންޓް އަސްކަރިއްޔާއަށް ދެއްވި ތަޤުރީރުގައި ވިދާޅުވީ އިސްރާއީލުން ދޭނީ ބަޔާންކުރަން އުނދަގޫ ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަމަލާދޭ ކޮންމެ މީހަކަށް ވެސް ގެއްލުން ލިބި، އޭގެ ނަތީޖާ ލިބޭނެ." އޭނާ ވިދާޅުވިއެވެ.
އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް މިސައިލްތައް ފޮނުވާލި ނަމަވެސް އެމެރިކާއާއި އެހީތެރިންގެ އެހީގައި ވައިގެ ތެރެއަށް ގިނަ މިސައިލްތައް ގޮއްވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ތެހެރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ބަދަލު ހިފުމުގެ ހަމަލާއެއް ދިނުމަށް ތާއީދު ނުކުރާނެ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ރައީސް ޖޯ ބައިޑެންގެ ދެމެދުގައި ހަތް ހަފްތާގެ ތެރޭގައި ފުރަތަމަ ފަހަރަށް ފޯނުން ވާހަކަ ދެއްކެވީ ވެސް މިދިޔަ ބުރާސްފަތި ދުވަހުކަން ފާހަގަ ކުރެވެއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރެން ޖޭން ވިދާޅުވާ ގޮތުގައި ދެމީހުންގެ މެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ ނަތީޖާ ނެރެފައިވާ މަޝްވަރާތަކެކެވެ.
ބުދަ ދުވަހު ހިޒްބުالله އިން ވަނީ އިސްރާއީލުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކިރިޔާތު ޝްމޯނާ އަށް ރޮކެޓް ހަމަލާއެއް ދީ އާންމުންގެ ދެ މީހަކު މަރާލާފައެވެ. ހިޒްބުﷲއަށް ވާގިދެނީ އީރާނުން ކަމަށްވާތީ އީރާންގެ ބާރު ކަނޑުވާލުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް އިސްރާއީލުން ދެކެއެވެ.
އަނެއްކޮޅުން ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ވަރުގަދަ ހަމަލާތައް ކުރިއަށްދާއިރު، ހުކުރު ދުވަހު އެ އޮޕަރޭޝަން ފެށި ފަހުން އެތައް ހާސް ބަޔަކު ވަނީ ތާށިވެފައެވެ. ޖަބަލިއާގައި އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވައިގެ މަގުން ޕެޓްރޯލް ކުރުމުގެ އިތުރުން ސިފައިންނާއި ހަނގުރާމަވެރިންނާއި ދެމެދު މަގުމަތީގައި ވެސް ހަނގުރާމަތައް ކުރިއަށް އެބަދެއެވެ. އެމީހުންނަށް ވެސް އިސްރާއީލާއި ދެކޮޅަށް ވާގިދެނީ އީރާނުން ކަމަށް އިސްރާއީލުން ބުނެއެވެ. ނަމަވެސް ހަމާސްއިން އެކަން ދޮގުކުރެއެވެ.









