ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ. އިންޑިއާ އެއާފޯސްގެ މަތިންދާބޯޓުގައި އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރު 1 ޖަހާއިރުއެވެ.
ނަތީޖާ ނެރެދޭ ޑިޕްލޮމެޓިކް އެންގޭޖްމަންޓްތަކެއްގެ ދަށުން ކުރިއަށް ގެންދިޔަ މި ދަތުރުފުޅުގައި އިންޑިއާގައި ތިބި ދިވެހި ރައްޔިތުންނާއި ބައްދަލުކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްވެސް އެއްބަސްވުމަކުން ރާއްޖޭގެ މިނިވަންކަމަށް ނުވަތަ އިސްތިޤުލާލަށް ގެއްލުމެއް ނުލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ އަލުން ކަށަވަރުކޮށްދެއްވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ދިއްލީގައާއި، އަދި އެއަށްފަހު ބެންގަލޫރުގައި ބޭއްވި ބައްދަލުވުމެއްގައި ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނާއި ދިވެހި ޤައުމަށެވެ. "އަޅުގަނޑުމެންގެ ޤައުމީ މަސްލަޙަތަށް ބޭރުގެ އެއްވެސް ނުފޫޒެއް އަރައިގަންނަން ދޫކޮށްނުލާނަން،" ރާއްޖޭގެ މިނިވަންކަން ދެމިއޮތް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުން، ބޭރުގެ ސިފައިން ނުވަތަ ތަދައްޚުލުވުމާ މެދު ކުރިން ހުރި ކަންބޮޑުވުންތައް އެމަނިކުފާނުގެ ވެރިކަމުގެ ދަށުން ހައްލުކޮށްފައިވާކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ މުހިންމު އެއް ކާމިޔާބީއަކީ "ވިޝަން ފޯރ ކޮމްޕްރިހެންސިވް ޕާޓްނަރޝިޕް އޮން އިކޮނޮމީ އެންޑް މެރިޓައިމް ސެކިއުރިޓީ" އެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އަމާޒުތަކާ އެއްގޮތަށް، އިޤްތިޞާދީ ކުރިއެރުން ކަށަވަރުކޮށްދީ، އިސްތިޤްލާލު ރައްކާތެރިކޮށްދިނުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބެންގަލޫރުގައި ބޭއްވި ދިވެހިރާއްޖެ-އިންޑިއާ ބިޒްނަސް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެން، އިންޑިއާގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދާއި އޭއައި ދާއިރާއިން ފުރުޞަތުތައް ހުޅުވިފައިވާކަން އިޢުލާން ކުރައްވާފައެވެ. 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ %15 ޑިޖިޓަލް އިޤްތިޞާދަކަށް ބަދަލުކުރައްވާނެ ކަމަށާއި، އިންޑިއާގެ އިޤްތިޞާދުގައި އެންމެ ބޮޑު ޢާމްދަނީއެއް ހޯދާ ބޮލީވުޑުން ދިވެހިރާއްޖޭގައި ސެޓަޕް ހަދައި ރާއްޖޭގެ ގޮނޑުދޮށުގައި ފިލްމުތައް ކުޅެވޭނެ ފުރުޞަތު އޮތްކަން ވެސް ރައީސް ވަނީ އަންގަވާފައެވެ. މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު 1 ޖަހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ވިޝަން 2040 ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށް އިންޑިއާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާތީ މިއީ ޚާއްސަކޮށް އިޤްތިޞާދީ އެއްބާރުލުމާއި، އިޖުތިމާޢީ ތަރައްޤީއާއި، ސަލާމަތީ އެއްބާރުލުމުގެ ދާއިރާއިން ދަތުރުގައި ކަނޑައެޅިފައިވާ މަޤުޞަދުތައް ޙާޞިލްވުމުގެ އިޝާރާތެކެވެ.









