އިންޑިއާއަށް ކުރެއްވި ދަތުރުފުޅުން ގިނަ ދާއިރާތަކަށް ކުރިއެރުން ލިބިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ދަތުރުފުޅުގެ މަޤްޞަދު ހާސިލްވެއްޖެކަމަށެވެ.
"މި ދަތުރުން އެމަގަށް ކަންކަން ފަހިވެއްޖެ. ޚާރިޖީ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުންވެސް ކަންކަން ފަހިވެއްޖެ. އިޖުތިމާޢީ ދާއިރާއިންނޭ މިދެންނެވީ ޞިއްޙީ ދާއިރާއިން ޑޮކްޓަރުން ތަމްރީން ހޯދުމަށް ކުރިއަށް ދިއުން، ތައުލީމާއި ކުޅިވަރު މިފަދަ ދާއިރާތައް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އިންޑިއާ ދަތުރުފުޅުން ގެދޮރު ބިނާކުރުމަށާއި، މަސްވެރިކަމާއި އެނޫންވެސް ދާއިރާތަކުންނާއި، އިންވެސްޓްމަންޓްތައް ގެނައުންފަދަ ދާއިރާތަކުންވެސް ކަންކަން ފަހިވެގެން ގޮސްފައިވާކަމަށެވެ. އަދި ދިވެހި ސަރުކާރަށް ކޮށްނުދެވޭ ކަމެއް އޮތްނަމަ އިންޑިއާ ސަރުކާރަށް ދަންނަވައިގެންވެސް އެކަންކަން ކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ދިވެހި ސަރުކާރުގެ ފަރާތުން ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އަދި އެއްވެސް ކަމެއްގައި ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ހުށައެޅުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ފަހިކޮށްދޭންޖެހޭ ކަންކަން، އަދި ރައްޔިތުންގެ ހައްޤުގައި އެތައް ކަމަކަށް މަގު ކުރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.









