އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޤާއިމްކުރި އެއްވެސް އެއްބަސްވުމަކުން ދިވެހިރާއްޖޭގެ މިނިވަންކަމަށް އަސަރު ނުކުރާނެ ކަމަށާއި ހުރިހާ ކަމެއްވެސް އޮންނާނީ ދެފުށް ފެންނަގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބެންގަލޫރުގައި ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ޤައުމާ ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަމަށާއި، އެކަމަށް އިސްކަންދޭ ޤައުމުތަކާ ގުޅުން ބާއްވާނެކަމަށެވެ.
"އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤުލާލު ކަށަވަރުކުރުމަށް މިއަދާ ހަމައަށްވެސް މަސައްކަތްކުރަމުން މިދަނީ. މިކަމާމެދު އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރައްވާ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މީގެކުރިން ގެންގުޅުނު ޚާރިޖީ ސިޔާސަތު ގެންގުޅެފާނެކަމަށް ބައެއް ފަރާތްތަކަށް ހީވާކަމަށެވެ. ނަމަވެސް އެކަން އެހެން ނުވާނެކަމަށާއި، އެމަނިކުފާނަށް ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމަކީ އެންމެ މުހިންމު ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ބޭރު ސިފައިން ތިބި މައްސަލަ އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ރިވެތިކޮށް ހައްލުވެފައިވާކަމަށާއި، ދެން އެކަން އެގޮތަށް ނުހިނގާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
"މި ދަތުރުގައި އިޢުލާނުކުރި ވިޝަން ފޯ ކޮމްޕްރެހެންސިވް ޕާޓްނަޝިޕް އޮން އިކޮނޮމީ އެންޑް މެރިޓައިމް ސެކިއުރިޓީއަކީ ލިޔެވިފައިވާ އެއްޗެއް. އެއީ މިހާރުވެސް ކޮންމެ މީހަކަށްވެސް ބަލާލަން ބޭނުންވިޔަސް ފެންނަން އޮތްއެއްޗެއް. ކޮންމެ ޖުމްލައެއްވެސް އޮންނާނީ ޑިފެންސް މިނިސްޓްރީން ބަލައި އެޕްރޫވްކޮށްފައި. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ކަންކަން ވީގޮތަށް އެއްވެސް ކަމެއް ނުހިނގާނެކަމަށާއި، އޭގެބަދަލުގައި އިތުރުކުރަނީ އަމިއްލަ ކެޕޭސިޓީކަމަށެވެ. އެ އެއްބަސްވުމުގައި އޮންނާނީ ދިވެހީންގެ އަމިއްލަ ކެޕޭސިޓީގައި ކަންކަންކުރާނެ ވާހަކަކަމަށާއި، އެހެން ޤައުމެއްގެ ބައެއްގެ އަތްމައްޗަށް އެއްވެސް ކަމެއް ދޫކޮށްލާނެ ވާހަކަ ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހި ޤައުމިއްޔަތަށް ބުރޫއަރާނެ އެއްވެސް ކަމެއް ނޯންނާނެ. ހުރިހާ ކަމެއް އޮންނާނީ ސާފުކޮށް. މިއީ ދެފުށްފެންނަ ސަރުކާރެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިކަންކަމުގައި ހަޤީޤަތް ބަލައި، ސަރުކާރުގެ ދެގޮތެއްނުވާ ޚާރިޖީ ސިޔާސަތު ދެނެގަތުމަށް އެދިވަޑައިގެންފައެވެ.









