ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހިރާއްޖެ-އިންޑިއާ" ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެމަނިކުފާނުގެ 2040 ވަނަ އަހަރުގެ ބޮޑު ވިޝަން އަށް އިންޑިއާ އިން އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޚުލާސާއަށް ދެއްވި ބަސްދީގަތުމުގައި ތަރުޖަމާނު ވިދާޅުވީ، މި ދަތުރުފުޅަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ޤައުމުގެ ރައީސާއި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސް އޮފިޝަލުންނާއި އަދި އިންވެސްޓަރުންނާއި ބައްދަލު ކުރެވި މުހިންމު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް. އެހެންކަމުން، މި އެއްބަސްވުންތަކާއި އަދި މި މަޝްވަރާތަކާއި އެކީގައި މި ގުޅުން އިތުރަށް ބަދަހިވުމުގެ ފުރުޞަތު ލިބިގެން އެބަދޭ. އަދި ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވިސްނުންފުޅެއް އަދި ވިޝަންއެއް ކަމަށްވާ 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމެއް ކަމަށް ހެއްދެވުމަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް އެހީތެރިކަން ދެއްވައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރާއްޖެއަށް މިވަނީ ދެއްވާފައި" - ހީނާ ވަލީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ޚާއްޞަ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި މުހިންމު މަޝްވަރާތައް ކުރެވި އެއްބަސްވުންތައް ވެސް ބަދަލުކުރެވުނެވެ. އޭގެތެރޭގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކުރިކަން ފާހަގަ ކުރެވެއެވެ.









