ބޮލީވުޑްގެ ތަރިން ރާއްޖޭގެ ނަލަ ގޮނޑުދޮށުގައި ފިލްމު ކުޅުމަށް ހާއްސަ ދައުވަތެއް ރައީސް، ޑރ. މުހައްމަދު މުއިއްޒު ދެއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް ބޮލީވުޑްގެ އެހީއާއިއެކީ އިޝްތިހާރު ކުރެވޭނެ މޮޅު ޓެކްނިކެކެވެ. ސަބަބަކީ ، ބޮލީވުޑްގެ ފިލްމުތައް ރާއްޖޭގައި ކުޅޭތަން ފެނުމުން، އެ ފިލްމުން ފެންނަ ރާއްޖޭގެ ރީތި މަންޒަރުތައް ދެކިލުމަށް ވެސް ފަތުރުވެރިން ރާއްޖެ އަންނާނެތީއެވެ. މީގެ އިތުރުން އިންޑިއާގެ ފިލްމުތައް ކުޅުމަށް ލަންޑަނަށާއި ކެނެޑާއަށް ދާއިރު ، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ބޮލީވުޑަށް މިފަދަ ދަޢުވަތެއް ދެއްވުމަކީ ބޮލީވުޑްގެ ސަބަބުން ރާއްޖެ އިޝްތިހާރުވާނެ ކަމެއް ވެސް މެއެވެ.
އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން މިއަދު މުމްބާއީގެ ތާޖު މަހަލް ޕެލެސްގައި އިންވެސްޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ބޮލީވުޑް އިންޑަސްޓްރީގެ ފިލްމުތަކުގެ ސެޓްއަޕް ރާއްޖޭގައި ހަދައި، ފިލްމު އުފެއްދުމުގައި ރާއްޖޭގެ ރީތިކަން ބޭނުން ކުރެވިދާނެ.އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އިންޑިއާގެ 100،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށް ޖެހިޖެހިގެން 4 އަހަރު ރާއްޖެ ހޮވިފައިވާކަން ވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސް އާއި ފަސްޓްލޭޑީ ބޮލީވުޑް ތަރި ޝިލްޕާ ޝެޓީ އާއެކު / ފޮޓޯ: ޚުލާސާ
"ބޮލީވުޑް އިންޑަސްޓްރީގެ ފިލްމުތަކުގެ ސެޓްއަޕް ރާއްޖޭގައި ހަދައި، ފިލްމު އުފެއްދުމުގައި ރާއްޖޭގެ ރީތިކަން ބޭނުން ކުރެވިދާނެ. އެހެންވީމަ ފިލްމު ޓޫރިޒަމްގައި ރާއްޖެ އިޚްތިޔާރު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުޙަބާ ކިޔާނަން،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ އަރްބާޒް ޚާން، ޝިލްޕާ ޝެޓީ، އަދި ސޮނާކްޝީ ސިންހާ ފަދަ ކުޅަދާނަ ތަރިން ބައިބައިވެރިވިކަން ފާހަގަ ކުރެވެއެވެ.









