ރާއްޖޭގައި ފިލްމު ކުޅުމަށް ބޮލީވުޑްގެ ތަރިންނަށް ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ ދައުވަތެއް ދެއްވައިފިއެވެ. ރައީސް މި ދައުވަތު ދެއްވީ އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން މިއަދު މުމްބާއީގެ ތާޖު މަހަލް ޕެލެސްގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.
ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ފަތުރުވެރިކަން މުހިންމު ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ހަމައެކަނި ދަތުރުކުރުމެއް ނޫން ކަމަށާއި، އެއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ސަގާފީ ވިސްނުން ކުރިއެރުވުން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، "ބޮލީވުޑް އިންޑަސްޓްރީގެ ފިލްމްތަކުގެ ސެޓްއަޕް ރާއްޖޭގައި ހަދައި، ފިލްމް އުފެއްދުމުގައި ރާއްޖޭގެ ރީތިކަން ބޭނުން ކުރެވިދާނެ. އެހެންވީމަ ފިލްމް ޓުރިޒަމްގައި ރާއްޖެ އިހުތިޔާރު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުހަބާ ކިޔާނަން"
މި ބައްދަލުވުމުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ އަރްބާޒް ޙާން، ޝިލްޕާ ޝެޓީ އަދި ސޮނާކްޝީ ސިންހާ ފަދަ ތަރިން ބައިވެރިވިއެވެ. މިއީ މީގެ ކުރިން ވެސް ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވާ ތަރިންނެވެ.









