ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތިންވަނަ ދުވަހު، އިންޑިއާގެ ވިޔަފާރީގެ މައި ރަށް މުމްބާއީއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ނިއުދިއްލީއާއި އަގަރާއަށް ވަޑައިގެންފައެވެ.
މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހަރާޖު އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. ރައީސް މުމްބާއީއަށް ވަޑައިގަތީ މި ސިޓީގައި ބާއްވާ ޚާއްޞަ ވިޔަފާރީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ހަރަކާތުގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކުގެ އިތުރުން އިންޑިއާގެ ބައެއް ސެލެބްރިޓީންވެސް ބައިވެރިވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ހަރަކާތުގައި ވާހަކަފުޅު ދައްކަވާނެކަމަށް ލަފާކުރެވެއެވެ.
އިއްޔެ ނިއުދިއްލީގައި ބޭއްވުނު އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ތަފްސީލްކޮށްދެއްވާފައެވެ. ޚާއްޞަކޮށް ޑިޖިޓަލް އިކޮނޮމީ، މާލީ ދާއިރާ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ ފުރުޞަތުތައް ފާހަގަކުރެއްވިއެވެ.
އެގޮތުން، މުމްބާއީގައި ބާއްވާ ވިޔަފާރިއާއި ޓޫރިޒަމްގެ ޚާއްޞަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންވެސް ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު މަހަރާސްޓްރާގެ ގަވަރުނަރާއިވެސް ބައްދަލުކުރައްވާނެއެވެ.
މާދަމާ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ބެގަލޫރަށެވެ. އެތަނުގައިވެސް ބާއްވާ ރާއްޖޭގެ ޚާއްޞަ ވިޔަފާރީގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ދިވެހިންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސްގެ ދެކަނބަލުނަށް މުމްބާއީ ހޫނު މަރުހަބާއެއް ކިޔާފި/ ފޮޓޯ: ރައީސް އޮފީސް
މި ދަތުރުފުޅުގެ ސަބަބުން ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށް ޚާއްޞަ ފުރުޞަތުތަކެއް ދަނީ ފަހިވަމުންނެވެ. އެގޮތުން އިންޑިއާގެ ރުޕޭ ރާއްޖޭގައި ބޭނުންކުރެވޭނެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ. އަދި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.މިކަމުގެ ސަބަބުން ރާއްޖޭގައި އޮތް ޑޮލަރުގެ ދަތިކަމަށް ބޮޑު ޙައްލެއް އަންނާނެކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިކުރާނެ ދަތުރުފުޅެއްކަމަށް ސަރުކާރުން ބުނެއެވެ. ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގައި އިންޑިއާގެ އިންވެސްޓަރުންނަށް ހުރި ފުރުޞަތުތައް ފާހަގަކޮށް، އެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް މި ދަތުރުފުޅުން ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ އިންޑިއާގެ އިސް ވެރިންނާއި ވިޔަފާރިވެރިންނާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެކަމަށް ބެލެވެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެކަމަށްވެސް އުއްމީދުކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިމި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާހުރި ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެކަމަށް ގިނަ ފަރާތްތަކުން އުއްމީދުކުރެއެވެ.









